ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު އެކަމަށް އެދިވަޑައިގެންނެވީ އިއްޔެ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ ޖާހުގެ މައިންބަފައިންނަށާއި އާއިލާއަށް ރައީސް ޑރ މުއިއްޒު ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި ޖާހު މާލެ ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭ ގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސް އަންގަވާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން އެ އޮފީހުން ވިދާޅުވީ، ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ވެސް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެއިތުރުން މި ހާދިސާއާ ގުޅިގެން އިއްޔެއިން ފެށިގެން މޯލްޑިވިއަންއިން ވަނީ އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާ ގޮތަށް ހަމަޖައްސާފަ އެވެ.

އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ނިޔާވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ޖާހުގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހިގެން މާލެ ގެނެވުނީ ސޯޅަ ގަޑިއިރު ފަހުން ކަމަށާއި އަދި އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވީ ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.