އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލެއްވުމާއެކު ފަލަސްތީނުގެ ރައީސް ޑރ.މަހްމޫދު އައްބާސް ވަނީ ރައީސް ޑރ.މުއިއްޒަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ޑރ.މުުއިއްޒު އާއި ރައީސް ޑރ.އައްބާސް ރޭ ވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން ރައީސް ޑރ.އައްބާސްއަށް ދަންނަވާފައެވެ. މީގެ އިތުރުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފަލަސްޠީނުގެ މައްސަލާގައި ދިވެހިންގެ މެދުގައި ޚިޔާލުތަފާތުވުމެއް ނެތްކަމަށާއި ކޮންމެ ދިވެއްސަކުވެސް ވަނީ ފަލަސްތީނާއެކު ކަމަށެވެ.

"މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ފަލަސްތީނަށް އެއްބާރުލުން ދިނުމަށްޓަކައި ރާއްޖޭން ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ،" ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ފަލަސްތީނާ، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ފަލަސްތީނުގެ ރައީސް ޑރ.އައްބާސް ވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ބައިނަލް އަޤްވާމީ ދުނިޔޭގައި ވަކާލާތުކުރައްވާ ކުރެއްވުން ޝުކުރުވެރިކަމައެކު ފާހަގަ ކުރައްވައި ރައީސް ޑރ.މުއިއްޒަށް ތައުރީފް ކުރައްވާފައެވެ.

ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށްގެން ތިބި ޒަޔަނިސްޓް އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް ޢާންމުތަކުގައި މިހާތަނަށް 41،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މުޅި ޣައްޒާ ސިޓީގެ ރައްޔިތުން ބަނޑަށް ޖައްސައި ގެދޮރުން ނިކުންނަށް ވަނީ މަޖުބޫރު ކޮށްފައެވެ.