އެއަރ އެންބިއުލާންސްގެ ހިދުމަށް 1 މާރޗް ގައި ތައާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލް މިނިސްޓަރ އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުއިއްޒު ވަނީ މިކަމަށް ފުރިހަމަ ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

''ﷲގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަރ އެންބިއުލާންސްގެ ހިދުމަށް 1 މާރޗް ގައި ތައާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ''،.
މިނިސްޓަރ ވިދާޅުވިއެވެ

މީގެއިތުރުން ޙާލީލް ވިދާޅުވީ ހާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ޙައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އިއްޔެއިން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލުގެނެވި އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އެމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ހަމަޖައްސަވާފައެވެ.