ދިވެހި ފުލުހުންގެ ހިދުމަތާއި އިންޑިއާގެ ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ޖަނަވަރީ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސޮބާހް ދެއްކެވި ވާހަކަފުޅުގައި، ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ފަރާތުން ދިވެހި ފުލުހުންނަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ވަރަށް މުހިންމު ކޯހެއްކަން ފާހަގަ ކުރައްވައި ކޯހުގެ ސަބަބުން ދިވެހި ފުލުހުންގެ ފިޓްނަސް ރަނގަޅުވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މި ކޯހުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ 15 އިން 19 އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 17 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ މެނޭޖްމަންޓް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް އާއި ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.