ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަޙައްމަދު މުއިއްޒު، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 498 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފެއްދެވިކަން އިއުލާންކުރައްވާ ނެރުއްވި ދެންނެވުމުގައި މި އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަނީ ބަޔާންކޮށްދެއްވާފައިވެއެވެ.

"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ގާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު)ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.

އަދި ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.