މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކޮށްފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ އަދާހަމަ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމެވެ.
އެގޮތުން ނާޒިމް ވިދާޅުވީ މާލެއަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާރމް އެހެންތަނަކަށް ބަދަލު ކުރުމާ ގުޅޭގޮތުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ހުށަހަޅާފައިވާ ގޮތްތަކެއް ނިންމުމަށް، އިކޮނޮމިކް ކައުންސިލުން މަޝްވަރާ ކޮށްފައިވާ ކަމަށާއި މަޝްވަރާގައި ނިންމާފައި ވަނީ އެ ފިއުލް ފާމް ފުނަދޫއިން ބަދަލުކުރުމަށް ކަމަށެވެ.
އެސްޓީއޯއިން ހިންގަމުން އަންނަ ތެޔޮ ފާމް ފުނަދޫން ބަދަލު ކުރަން ނިންމާފައިވަނީ އެރަށުގައި ސްޕެޝަލް އިކޮނޮމިކް ޒޯންއެއް ހަދަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ ފިއުލް ފާމް، ކ. މާގިރިފަޅަށް ބަދަލުކުރުމަށެވެ.
"އަބަދުވެސް ދެކެވޭ ވާހަކައެއް އެތަނަކީ ފިއުލްފާމެއް ހުރުން އެންމެ ރަނގަޅު ތަން ނޫންކަމަށާއި އެއަށްވުރެ މާ އިކޮނޮމިކް ތަނެއްގެ ގޮތުގައި އެތަނުން މަންފާ ނުވަތަ ނަފާ ދިވެހި ރައްޔިތުންނަށް ލިބޭނެ ތަނެއްގެ ގޮތުގައި އެތަން ބޭނުން ކުރެވިދާނެތީ ކަމަށްވެސް ވިދާޅުވިއެވެ. މައިގަނޑު ގޮތެއްގައި އެއާޕޯޓް އެކްސްޕެންޝަން ޕްރޮޖެކްޓުގައި ފުނަދޫ ހިމެނޭތީ،" ނާޒިމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިމަހުގެ ހަތަރެއްގައި އިފުތިތާހު ކުރެއްވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ވަނީ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރާނެކަން އިއުލާންކުރައްވާފައެވެ. އެ ތެޔޮ ޓޭންކުތައް ބަދަލުކުރުމަށް ފަހު، އެ ރަށުގައި ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެ ކަމަށާއި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެ ކަމަށް ވެސް އެ މަޝްރޫއުގައިވެއެވެ.