ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ރަސްމާލެ މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު ކަނޑުއަޑީގެ ޓަނަލަކުން ރަސްމާލެ އާއި މާލެ ގުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މާލޭގެ އައު މޭޔަރާއި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތިން މެންބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށާއި އެރަށާއި މާލެއާއި ގުޅާލެވޭނެ ކަމަށެވެ. އެގޮތުން ރަސްމާލެ އާއި މާލެ ގުޅާލުމަށްޓަލައި ފަންނީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަސައްކަތް ކުރުމަށް ވަރަށް ގާބިލު ކުންފުނިތަކާ މަޝްވަރާ ކުރެވެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލެ އާއި މާލެ ގުޅާލުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ކަނޑުއަޑީގެ ޓަނަލެއް ހަދަން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއު ވެގެންދާނީ ފަތުރުވެރިން ވެސް ޝައުގުވެރިކުރުވާނެ މަޝްރޫއަކަށް ކަމަށެވެ.
"މުޅިދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ޤާއިމްކުރެވޭ އަންޑަރވޯޓަރ ޓަނަލް މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅާލުމުގެ މަސައްކަތަކީ. އެޓަނަލް ވެގެންދާނީ އެޓަނަލްގައި ދުއްވާ ޓްރޭންގެ ސަބަބުން އެޓްރޭންގައި ދާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް. އެމަސައްކަތް ކުރުމަށްޓަކައި އެކަމުގެ ޤާބިލްކަން ހުރި ކުންފުނިތަކާއެކީ މިހާރުވަނީ ފީސިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމުގެ ވަރަށް ބޮޑު މަޝްރޫޢެއް. މިއީ ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނައަކަށް އިތުރުވާނެ މަޝްރޫޢެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހުޅުމާލެއާއި ގިރާވަރުފަޅާއި، ގުޅިފަޅުން އެކަނި ހައްލުނުވާނެ ކަމަށެވެ. މިސަރުކާރުން މަސައްކަތާ ހަވާލުވިއިރު ގިރާވަރު ފަޅުގެ ފުރިހަމަ ލޭންޑްޔޫސް ޕްލޭނެއް ނެތްކަން ފާހަގަކުރައްވާ ރައީށް ވިދާޅުވީ މިމަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި ގިރާވަރުފަޅާއި ގުޅިފަޅުންވެސް އިތުރަށް ހިއްކާ ގެދޮރަށް ދޫކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ގުޅިފަޅުން ލިބެން އޮތް އެންމެ ބޮޑު ޖާގައެއް ގޯތި ގެދޮރަށް ޚާއްސަކުރައްވާނެ ކަމަށެވެ.އަދި މިހުރިހާތަނެއްވެސް ގުޅިގެންދާނީ ބްރިޖަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައި އޮތް ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިންހިއްކުމުގެ މަޝްރޫޢުތައް ހިންގަންޖެހޭ ކަމަށެވެ. އަދި މިސަރަހައްދަށް ބަލާނަމަވެސް އިތުރު ބިން ނުހިއްކާ މިކަން ހައްލުނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢު ފެއްޓެވީވެސް މިހެންވެ ކަމަށެވެ.