ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އައު މޭޔަރާއި އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން ގާތަށް ދިއުމަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސްވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށާއި ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުފުޅުތައް އެމަނިކުފާނަށް ވަގުތުވީވަރަކުން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަތޮޅުތަކުގެ އިތުރުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވައިދިނުމަކީ މީގެ ތެރޭގައި ހިމެނޭ އަނެއް ކަންތައް. ދެ މަހުން އެއް މަހު ވަޒީރުން ަރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ފުރަތަމަ ފޯރަމް މި މަސްތެރޭގައި މި އަންނަ ހަފުތާ ތެރޭގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ދޭ ފޯރަމުގައި ވަޒީރުންގެ ދާއިރާތަކުން ރައްޔިތުން ބޭނުންވާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. މި ފޯރަމް ބާއްވާނީ ކޮންމެ ދެ މަހަކުން ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.