މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމާއި ތިން ކައުންސިލަރުން ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި އަތޮޅު ފިހާރަ ހުރި ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އެެ އަތޮޅުތަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ނިންމާފައި ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާއި އަޅުގަނޑުމެން ހަވާލު ކުރާނަން.". ރައީސް ވިދާޅުވިއެވެ.

"އޭރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ،"

ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެކަން ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެ އަތޮޅަށް ނިސްބަތްވާ ފައިސާގެ އަަދަދުން އެ އަތޮޅަކަށް ފައިސާ ހަވާލު ކުރެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން 2022 ވަނަ އަހަރު ވަނީ ނިންމައިފައެވެ. އޭގެ ކުރިން ކައުންސިލްތަކަށް ޖަމާ ކުރަމުން އައީ އަތޮޅު ފިހާރައިން ލިބޭ ކުލީގެ 50 ޕަސެންޓެވެ.