އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކުރަން އެދުމުގެ ފުރުސަތު އިތުރުކޮށްދީފިއެވެ.

އެސްޑީއެފްސީން ލޯނު ދެއްކުން ފަސްކޮށްދިނުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި މިމަހުގެ 25 ވަނަ ދުވަސް ކަނޑައަޅާފަވީ ނަމަވެސް މިމުއްދަތު ފާއިތުވިއިރު ގިނަ ކަސްޓަމަރުންނަށް ލޯނު ފަސްކުރުމަށް އެދި ހުށައެޅިފައިނުވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެހެންކަމުން ލޯނު ފަސްކުރުމަށް އެދި ހުށައެޅޭ މުއްދަތު 8 އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

ލޯނު ފަސްކުރުމަށް އެސްޑީއެފްސީގެ ވެބްސައިޓުން އޮންލައިން ޕޯޓަށް މެދުވެރިކޮށް އެދެވޭނެއެވެ.

އެސްޑީއެފްސީން ބުނީ ލޯނު ފަސްކޮށްދިނުމަށް ނިންމާފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައެވެ.

އެސްއެމްއީ ބޭންކު މެދުވެރިކޮށް ވިޔަފާރި ތަރައްޤީ ލޯނާއި، ހަރުމުދާ ގަތުމުގެ ލޯނާއި، ދަނޑުވެރި ނަފާ ލޯނާއި، ވިޔަފާރި އެހީ ލޯނާއި، ރަށުފަތުރު ލޯނާއި، އަލަށް ފަށާ ވިޔަފާރި ލޯނު ދޫކުރަމުންދެއެވެ.