ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

ފެނަކައިން މިކަން ހާމަކޮށްފައި ވަނީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރ ސެޓް ހަލާކުވެ އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

ފެނަކައިން ބުނީ ފުވައްމުލައް ސިޓީއަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައިވާކަމަށެވެ. އެހެންކަމުން އެކި ސަރަހައްދުތަކަށް ޝެޑިއުލްކޮށް ކަރަންޓް ކަނޑަށް ޖެހިފައިވާކަމަށެވެ.

މިކަމަށް އެންމެ އެދެވޭ ޙައްލެއް ގެނައުމަށް ކުންފުނިން މިވަގުތު މަސައްކަތް ކުރަމުންދާކަމަށާއި އިމަރޖެންސީ ޕްރޮކުއަމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ. ހަމައެހެންމެ އެކުންފުނިން ހިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލައް ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ކުރިއަށްއޮތް ރަމަޟާންމަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްލުއް ސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް ހޯދުމަށް ހިމަނާފައިވާކަން ފެނަކައިން ވަނީ ފާހަގަކޮށްފަައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރ ސެޓްތަކުގެ މެއިންޓަނެންސްއަށް އަހައްމިއްޔަތު ކަމެއް ދެވިފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރ ސެޓުތަކުގެ ހާލަތު ދަށްވެފައިވާކަން ފާހަގަކުރުމާއެކު ފެނަކައިން ބުނެފައިވަނީ ހަލާކުވި ޖަނަރޭޓަރ ސެޓް ހިންގާތާ 30،000 ގަޑިއިރު ހަމަވިއިރު އެއްވެސް މޭޖަރ އޯވަހޯލް އެއް ކޮށްފައި ނުވާކަމަށެވެ.

އެހެންނަމަވެސް އައު މެނޭޖްމަންޓްގެ ވިސްނުމަކީ މިފަދަ ކަންކަމަށް ހައްލު ހޯދާ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމުގައި ފެނަކައިން ހާމަކުރެއެވެ.