މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކުރިއަށް އޮތް ހަ މަސް ދުވަހު ތެރޭގައި ކަނޑައަޅުއްވާނެ ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ މޭޔަރު ކަމުގެ ހުވާކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، ވެހިކަލް ލިމިޓެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެކަން ކުރިޔަށް އޮތް ހަ މަހުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލޭގައި ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީގެ މައްސަލަ ހައްލު ކުރުމަށް އެހީތެރިވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަރިހުގައި އެދިފައިވާ ކަމަށާއި މިކަމުގައި މިނިސްޓަރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށެވެ.

ހަމައެއާއެކު، ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ކުރާއިރު، އެ ތަންތަނުގެ މަސައްކަތްތައް އަވަސް ކުރަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ވެހިކަލް އިތުރުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހު އެކުލަވާލާފަ އެވެ.