ޣައްޒާގައި މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި މިއަދު ހެނދުނު އިޒްރޭލުގެ 24 ސިފައިން މަރުވެފައިވާ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯ ގައްލަންތު އެއްބަސްވެއްޖެއެވެ.

އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އިޒްރޭލުގެ 24 ސިފައިން މަރުވީ މުޖާހިދުން ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި އާރުޕީޖީ ރޮކެޓް ހަމަލާތަކާއި އިޒްރޭލު ސިފައިން ވަދެގަތުމަށް މަސައްކަތް ކުރި ދެއިމާރާތެއްގެ ކައިރީގައި ވަޅުލާފައިވާ މައިންތަކެއް ގޮވުމުގެ ސަބަބުން ކަމަށެވެ.

މިއީ އޮކްޓޫބަރު 9 ވަނަ ދުވަހު ޣައްޒާއަށް އިޒްރޭލުން އަރައިގަތްފަހުން އެއްދުވަހެއްގެ ތެރޭގައި އިޒްރޭލް ސިފައިންގެ މިހާ ގިނަބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. މުޖާހިދުންގެ މިހަލާއާ ގުޅިގެން އިޒްރޭލުގެ ވެރިން ވަނީ މިއީ ހިތާމަވެރި ދުވަހެއް ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންތިބި އިޒްރޭލުން އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ފަލަސްތީނުގެ އެހެނިހެން ސިޓީތަކާ ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 25،000 އަށްވުރެ ގިނަ އާންމު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަ ކުދިންނާއި އަންހެނުންނެވެ.