ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން، ކަޅުއޮށްފުންމީގެ ނަކަލު ގެނެސް ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަޙައްދެއްގެ ސަރވޭ ކުރުމަށް ފަހު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ކަޅުއޮށްފުންމި ބެހެއްޓުމުގެ މަސައްކަތް ކުރާނީ މަރުޙަލާތަކަށް ބަހާލައިގެން ކަމަށެވެ. މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް ޢަމަލު ކުރާނެ ގޮތެއް ހަމަޖެއްސުން ހިމެނޭއިރު ކަޅުއޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކަޅުއޮށްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެންނަނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު ޢާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް އޮތް 3 ހަފްތާގެ ތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.