ފްރިޓްޒް ބަލިކޮށް އޮސްޓްރޭލިއަން އޯޕެންގެ ސެމީއަށް ޖޮކޮވިޗް ދަތުރުކޮށްފިއެވެ.
މެލްބޯންގެ ރޮޑް ލޭވާރ އެރީނާގައި ކުޅުނު މެޗުގައި ޖޮކޮވިޗް ވަނީ އޭނާއަށް ވުރެ ދިހަ އަހަރު ޒުވާން ފްރިޓްޒް ބަލިކޮށް އޭނާގެ ހުނަރު ދައްކާލައިފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ޖޮކޮވިޗެވެ. އޭގެ ފަހުން ފްރިޓްޒް އޭނާގެ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓު ކާމިޔާބު ކޮށް މެޗު އެއްވަރު ކުރިއެވެ. ނަމަވެސް ތިން ވަނަ ސެޓުގައި ފްރިޓްޒްގެ ފަޔަށް ދިމާވި ކުޑަ އަނިޔާއެއްގެ ފައިދާ ނަގައި ޖޮކޮވިޗް ވަނީ އެ ސެޓު ކާމިޔާބު ކޮށްފައެވެ. ޖޮކޮވިޗް ހަތަރު ވަނަ ސެޓު ކާމިޔާބު ކޮށް މެޗު ނިއްްމާލީ ފަސޭހަކަމާއި އެކުގައެވެ.
މި މެޗަކީ ފްރިޓްޒްއާ ދެ ކޮޅަށް ޖޮކޮވިޗް ކުޅުނު އަށްވަނަ މެޗެވެ. އެ ހުރިހާ މެޗެއް ކާމިޔާބު ކޮށްފައިވަނީ ޖޮކޮވިޗެވެ.
ޖޮކޮވިޗް ސެމީގައި ނިކުންނާނީ ޔެނިކް ސިނަރ ނުވަތަ އަންޑްރޭ ރުބްލެވްއާ ދެކޮޅަށެވެ.