އައިސް ޕްލާންޓުން ހަދާ އައިސްއަކީ މަސްވެރިންނަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި މަސްވެރިންނަށް އަމާޒުކޮށް ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު ވިދާޅުވެފައިވަނީ މަހުގެ ކޮލެޓީ ހިފަހައްޓައި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން ރާއްޖޭގެ ނުވަ ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"މިވަގުތުވެސް ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން. މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްއޮތް 6 މަހެއްހައި ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެ 9 ސަރަހައްދުގައި 9 އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ." .
މުއްތަލިބު ވިދާޅުވިއެވެ

އައިސް ޕްލާންޓުތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް:

  1. ހއ. ދިއްދޫ
  2. އއ. ރަސްދޫ
  3. ލ. މާމެންދޫ
  4. ދ. މީދޫ
  5. ގދ. ރަތަފަންދޫ
  6. ޅ. ނައިފަރު
  7. މ. ވޭވައް
  8. ގދ. ފިޔޯރީ އަދި ލ. މާވަށް ހިމެނެއެވެ.

މީގެއިތުރުން އެ ވުޒާރާއިން ވިދާޅުވީ އައިސް ޕްލާންޓްތައް އެޅުމުގެ އިތުރުން މަހުގެ ކޮލެޓީ ހިފެހެއްޓުމަށް ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް 200 ފުރުސަތުވެސް ހުޅުވާލާނެކަމާއި މި ފުރުސަތުތަކަށް މަސް ދޯނިފަހަރަށް ބޭންކް މެދުވެރިކޮށް ފެސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ.