މީގެ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ފެށުމަށް ނިންމައިފިއެވެ.

"އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" އަލުން މި ފަށަނީ ދިގު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ.

މުބާރާތް ފެށުމަށް ހަމަ ޖެހިފައިވަނީ "އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގެ ނަމުގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މިހާރު ވަނީ ހުޅުވާލައިފިއެވެ.

މިފަހަރުގެ މި މުބާރާތުގެ ތީމަކީ، އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ޙައްލެއް ހޯދޭނެ ތީމެއްގެ މައްޗަށް ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) އިން ވަނީ ބުނެފައެވެ. އެންސީއޭ އިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދަ އާއި، ހިލާފުނުވާ މުޖްތަމައުގައި ހިމެނޭ ދޭދޭ އަފުރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭ ފަދަ ތީމަކަށް ވާން ޖެހޭނެއެވެ.

މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

އެގޮތުން މިމުބާރާތުގެ ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމް ހުށަހެޅުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން އެދުފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެސެންޓަރުން ލިބޭއިރު ވެބްސައިޓް އިން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެންސީއޭއިން ބުނީ، މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށް ކަމަށެވެ. މީގެ އިތުރުން "ވިވަރސް ޗޮއިސް"” މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމްއެސް ލިބޭ ފަރާތަކަށް ކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ ފެށުނީއްސުރެވެސް ރަމަޟާން މަހުގެ ރޭތަކަށް ހާއްސަކޮށްގެން ގެނެސްދެމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގެ ދޮރާށިން، އެއްދުވަސްވަރެއްގައި އާ ތަރިންތައް ވަނުމަށް ހުޅުވިގެން ދިޔަ ވަރަށް ބޮޑު ފުރުސަތެއްވެސްމެއެވެ. އަދި ދިވެހިންގެ ހިތްތަކުން ފިލައިނުދާނެ ކިތަންމެ މަަންޒަރަކާއި ހިތްތަކަށް އަސަރުކުރުވާފަދަ އެތައް ވާހަކަތަކެއް މި މުބާރާތް މެދުވެރިކޮށް ފެނިގެންގޮސްފައިވެއެވެ.