ޒަމާނީ ފެންވަރަކަށް ތަރައްގީކުރަމުންދާ އަމީނީ މަގުން ފާހަގަވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އަމީނީ މަގުގެ ތާރު އަޅާފައިވާ ބައެއް ސަރަހައްދުތަކުން ތާރުތައް ނެއްޓިގެން ދިއުމާއި ބައެއް ތަންތަނުގައި ވަޅުގަނޑު ހެދިފައި ހުރިކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އިއްޒުއްދީންމަގާއި ހަމައަށް ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށެވެ. ވަޒީރުގެ އެކްސްޕޯސްޓުގައި ފާހަގަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކުރީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ ސެގްމަންޓްތަކުން ހަލާކުވެފައިވާ ތަންތަނުގެ ފޮޓޯތަކެވެ.

ވަޒީރު ވިދާޅުވީ އަމީނީ މަގު "އެއްކޮޅުން އަނެއްކޮޅަށް" ބަލައި، ފާހަގަވާ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރަމުންދާކަމަށެވެ

އަމީނީ މަގު ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާއެވެ. ނަމަވެސް އެމަސައްކަތް ފަހުން ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ.

އަމީނީ މަގު ތަރައްގީކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރީ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައި އޮތްނަމަވެސް، ތާރު އަޅަން ބޭނުންވާ ސާމާނު އެ ކުންފުނީގައި ނެތުމުން، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.