އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމުމާ ގުޅިގެން، ރޯދަމަހު މަޖިލިސް އިންތިހާބު ނުބޭއްވޭގޮަތަށް އެމްޑީޕީއިން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މިރޭ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ބައްދަލުވުމަށްފަހު، މި އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުވަނީ މުހައްމަދު ޝިފާޢުއެވެ.

ޝިފާއި އިސްލާހު ހުށަހަުއްވާފައިވަނީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށެވެ. އެގޮތުން ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާއިރު އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.

ހަމަ އެއާއެކު، މި އިސްލާހުގައި ބުނެފައިވަނީ، އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމުގައެވެ.

އަދި މި މާއްދާގެ (ނ) ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.