ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑުން ހަރަދުކޮށްގެން ޒަމާނީ ފެންވަރުގެ 32 މެޑިކަލް އެނދު ހަދިޔާކޮށްފިއެވެ.
މެޑިކަލް އެނދުތައް ހަދިޔާކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަދި ސައީދު ވިދާޅުވީ އިސްލާމިކް ޗެރިޓީ ފަންޑުން ހަދިޔާކުރި 32 އެނދުގެ ހަރަދަކީ ފަސް ލައްކަ ހަތަރު ހާސް ރުފިޔާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ގިނަ ރައްޔިތުން މިސްކިތްތަކުގެ މަރާމާތަށް ނުވަތަ ދީނީ ކަންކަމަށް އެހީވުމަށް އެމީހުންގެ ހައިރާތުގެ ފައިސާ ހަވާލުކުރާ ކަމަށެވެ.
“މިއީ ޒަކާތު ފަންޑުގެ އިތުރުން މިސްކިތްތަކާ އާއްމު ހެޔޮ ކަންކަމަށް ހަރަދުކުރުމަށް ރައްޔިތުން ހަދިޔާކުރާ ސަދަގާތް. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު އެހީތެރިކަން ދެވިގެން މިދަނީ މި ހައިރާތުގެ ތެރެއިން.” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަގީރުންނަށާއި މިސްކީނުންނަށް އަޅައިލުން ހިމެނޭ ކަމަށެވެ. އަދި މުޖުތަމައުގެ ހާއްސަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމައުގެ އެންމެ މުހިންމު އިޖުތިމާއީ އަހުލާގު ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން ހައިރާތާއި ސަދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާ ކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އަދި ނިކަމެތިންނާއި ޤުރުއާން ކްލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ގާއިމްކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ހަރަދުކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ސަދަގާތާއި ހައިރާތުގެ ހެޔޮ ކަންކަމަށް ވާސިލްކޮށްދިނުމަށް މިނިސްޓްރީން އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ.