ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް އެއްބަސްވެ، އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްގަލަކަށް އަރަފިއެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ދެޕާޓީން އެއްބަސްވިކަން ހާމަކޮށްފައިވަނީ، އެމްޑީޕީއާއި ޑިމޮކްރެޓްސް ޕަޓީ ގުޅިގެން ކުރިއަށް ގެންދިަ ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހުހެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަންވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީން ވަނީ އެއްބަސް ވެފައެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ މި ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީ އަށް މުހިންމު ބަދަލުތަކެއް ގެންނަން ފެންނަ ކަމަށާއި އެކަމުގައި އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން މަޝްވަރާތަކެއް ފަށާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް ގޮތަށް ކަނޑައަޅަމުން ގެންދިޔައީމަ އެ އަދަދު އަޅުގަނޑުމެންގެ އެއްވެސް މީހަކު ބޭނުން ނުވާ ދަރަޖައަށް އިތުރުވަމުން އިތުރުވަމުންދާ އުސޫލެއް މިހާރު ގާނޫނުއަސާސީގައި ކަނޑައެޅިފައި މިއޮތީ. އެހެންވީމާ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެޕާޓީންވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައިވާނޭ ކަމެއް.'' ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ދާއިރާތައް އިތުރުކޮށް މަޖިލީހުގެ ގޮނޑި އިތުރުކުރުން ގާނޫނުއަސާސީން ހުއްޓުވަން ޖެހޭ ކަމަށް ދެ ޕާޓީއަށް ވެސް ފެންނަ ކަމަށެވެ.