އާރަށުގައި އޮތް ކަޅުއޮށްފުންމި މިރޭ މާލެ ގެނައުމަށް ނިންމައިފި އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނީ އާރަށުން ދަތުރު ފަށާނީ މިރޭ 11:00 ގައި ކަމަށާއި މާލެއަށް ލެފޭނެ ކަމަށް ބެލެވެނީ 11:30 އާއި 11:45 އާ ދެމެދު ގެ ވަގުތެއްގައި ކަމަށެވެ.
ކަޅުއޮށްފުންމި މާލެ ގެންނަނީ މުދާ އުފުލާ ބަނޑެއްގަ އެވެ.
މާލޭގެ 1 ނަންބަރު ފާލަމާ ދިމާއަށް ކައިރި ކުރުމަށްފަހު ބަރު މުދާ އުފުލާ އެއްގަމު އުޅަނދެއްގައި ކަޅުއޮށްފުންމި ގެންދަން ހަމަޖެހިފައިވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދަށެވެ. ކަޅުއޮށްފުންމި ބޭއްވުމަށް އެސަރަޙައްދު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
ކަޅުއޮށްފުންމި މާލެ ގެނެސް ކަޅުވަކަރު މިސްކިތް މައިދާނަށް ގެންދާ ވަގުތު ފުލުހުން މަގުމަތީގެ ޓްރެފިކް ބަލަހައްޓަމުންދާނެ އެވެ.
ކަޅުއޮއްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް މިރޭ ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައި ވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެ އެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފަ އެވެ.