ދިވެހި ފަންނާނުންގެ ކަންބޮޑުވުންތައް އަޑު އަހައި އެ ފަންނާނުންނަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާނެ ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ނެތް ކަމަށް ބުނެ, ބޭރު މިއުޒީޝަނުން ގެންނަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ވަނީ ގޮވާލައިފައެވެ.

މަޓީގެ އެ ވާހަކަތަކާ ގުޅިގެން މިޔުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. ދިވެހި މިއުޒީޝަނުންނާއި ޕާފޯމަރުން ގިނަ ކަމަށާއި އެމީހުން ތިބީ ފުރުސަތަކަށް ބަލަބަލާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ފައިސަލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ފަންނާނުންނަށް ދޭން ބޭނުންވާ ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތަށް އަޑު އަހާ،ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައި ދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު(އަސްވާޑް) ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހީން ކަމަށެވެ. އިންޑަސްޓްރީގައި ފަންނާނުންނަށް ކަށަވަރު މަގާމް، ވަޒީރު ފައިސަލްގެ ލީޑަރޝިޕްގެ ދަށުން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.