ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އިން ދައުލަތަށް ލިބެން ޖެހޭ، 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކާފައިނުވާއިރު، އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްވެސް ކޮށްފައިނުވާކަމަށް އެ އެޖެންސީގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނެފައި ވާ ގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދު (R-20/2017)ގެ 5.21 ވަނަ މާއްދާގެ (ހ)ގައި ދައުލަތުގެ އޮފީސްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ ގޮތުން ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށާއި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ހަމަވާއިރު ފައިސާ ނުލިބިއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވުމަށް ބަޔާންކޮށްފައިވާނެއެވެ. އަދި އެމުއްދަތު ފާއިތުވީއިރުވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް އިތުރު 7 (ހަތެއް) ދުވަސް ދިނުމަށްފަހު އެމުއްދަތު ތެރޭގައި ފައިސާ ދެއްކުމަށް ލިޔުމަކުން އެންގުމަށާއި އަދި މި ފުރުސަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
އަހަރީ މާލީ އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުގައި އެންސްޕާއަށް 31 ޑިސެމްބަރު 2022 ގެ ނިޔަލަށް 18،466،814 (އަށާރަ މިލިއަން ހަތަރުލައްކަ ފަސްދޮޅަސްހަހާސް އަށް ސަތޭކަ ސާދަ) ރުފިޔާ ލިބެން ޖެހޭކަމަށް އެ އެޖެންސީގެ ލިޔެކިޔުންތަކުން ފާހަގަ ކޮށްފައިވެއެވެ. އެ ފައިސާގެ ތެރޭގައި ހިމެނެނީ އެކަނިވެރި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް އެހީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ގޮތުގައި އިތުރަށް ދެވިފައިވާ ފައިސާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
18 މިލިަން ރުފިޔާގެ،، ދައުލަތަށް ލިބެންޖެހޭ ފައިސާ ގެ ތަފުސީލު،
- އެކަނިވެރި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ: -/10،621،020 ރުފިޔާ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް އެހީ: -/7،611،500 ރުފިޔާ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީ: -/234،284 ރުފިޔާ
- ޖުމްލަ އަދަދު -/18،466،814 ރުފިޔާ
އެހީގެ ގޮތުގައި އެކި ފަރާތްތަކަށް އެންސްޕާއިން ދޭ ފައިސާ އިތުރަށް ދެވިފައި ވަނީ، އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާފަރާތްތަކުގެ މައުލޫމާތު އެންސްޕާއާ ފަސޭހަކަމާއެކު ހިއްސާ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުންކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންސްޕާއިން މައުލޫމާތު ދިން ގޮތުގައި މިގޮތަށް އިތުރަށް ޖަމާ ކުރެވިފައިވާ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެޖެންސީގައި ރިކަވަރީ ޔުނިޓެއް ގާއިމުކުރެވިފައިވީ ނަމަވެސް ރިކަވަރީ ޔުނިޓުގައި މަސައްކަތް ކުރަނީ އެންމެ މުވައްޒަފެއް ކަމަށްވުމުން ރިކަވަރީގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ގޮތަށް އަދި އަވަސްމިނުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވެއެވެ.
އެންސްޕާއަށް 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލްގެ ގޮތުގައި ޗެކްކުރެވުނު 504،500 (ފަސްލައްކަ ހަތަރުހާސް ފަސްސަތޭކަ) ރުފިޔާ އަކީ 2015، 2016 އަދި 2018ވަނަ އަހަރު ދީފައިވާ އެހީގެ ފައިސާގެ ތެރެއިން އިތުރަށް ދެވިފައިވާ ފައިސާކަން ފާހަގަ ކޮށްފައިވެއެވެ. އަދި 16 އޮގަސްޓް 2023 ގެ ނިޔަލަށް މިއިން އެއްވެސް ފައިސާއެއް ހޯދިފައިނުވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފައިސާ ހޯދުމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވޭކަަމަށް ބުނެފައިވެއެވެ.
މިކަންތައް އިސްލާހު ކުރަން ލަފާ ދީފައިވަނީ އެކަނިދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި ތެރަޕީ އެލަވަންސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ލިބޭ ފަރާތެއްގެ ހާލަތު ބަދަލުވުމުން އެކަން އެންސްޕާއަށް އެނގޭފަދަ ނިޒާމެއް ގާއިމުކޮށް މޮނިޓަރ ކުރަމުން ދިއުމަށެވެ. އެގޮތުން ފެމިލީ ކޯޓުން/ ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަނުން ކައިވެންޏާއި ވަރީގެ މައުލޫމާތު ހޯދުމަށާއި ނިޔާވާ މީހުންގެ މައުލޫމާތު ބެލޭނޭ އިންޓަގްރޭޓެޑް ވިއުގައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ގާއިމު ކުރުމަށްވެސް ވަނީ އަންގާފައެވެ.
ހަމަައެއާއެކު ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ވެސް އަންގާފައިވެއެވެ.