ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އެފްސީ ޒެފިޔާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 މުބާރާތް ނިންމާލައިފިއެވެ.

އެޓީމު ކުޅެންޖެހޭ ފަހުމެޗުގައި އިއްޔެ ހަވީރު ބައްދަލުކޮށްފައިވަނީ މަރަދޫ-ފޭދޫ އަށް ނިސްބަތްވާ އެފްސީ އަފިރިން ޓީމާއެވެ. އެ ޓީމާ ބައްދަލުކޮށް ޒެފިޔާ ވަނީ މި މުބާރާތުގެ އެއް މެޗެއްގައި މިހާތަނަށް ޖެހި އެންމެ ގިނަލަނޑު އަފިރިން ކޮޅަށް ޖަހައިފައެވެ. އެ މެޗުގައި ޒެފިޔާއިން ވަނީ އަފިރިން ކޮޅަށް 9 ލަނޑު ޖަހައިފައެވެ. އަރިންނަށް ޖެހިފައިވަނީ 2 ލަނޑެވެ. މި މެޗަށްފަހު ޒެފިޔާވަނީ މުބާރާތް ނިންމާލައިފައެވެ.

މި ދެޓީމުވެސް މީގެ ކުރީން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ޒެފިޔާގެ އިތުރުން އަފިރިން އަށް ވެސް ވަނީ މުބާރާތް ނިމިފައެވެ. އިއްޔެގެ މޮޅާ އެކު ޒެފިޔާ މުބާރާތް ނިންމާލީ 3 ޕޮއިންޓް ހޯދައިގެންނެވެ. އަފިރިން ޓީމު މުބާރާތް ނިންމާލީ ހުސް އަތާއެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ގިނަ ލަނޑުތަކެއް ފެނިގެން ދިޔައެވެ. އެގޮތުން ޒެފިޔާ ޓީމުގެ އަލީ އަބްދުﷲ ވަނީ 12 ވަނަ މިނެޓުގައި އަފިރިން ޓީމުގެ ގޯލު ހުޅުވާލަ ދީފައެވެ. އަދި 29 ވަނަ މިނެޓުގައި އިބްރާހިމް ހަރިޝް ވަނީ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ. ޒެފިޔާ ޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އައިމަން ނަޒީރެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 3-0 ގެ ނަތީޖާއިން ޒެފިޔާ ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ގިނަ ލަނޑުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދިޔައީ، އެފްސީ އަފިރިންގެ މުހައްމަދު ނީޝަމް އަތުން ބައިކޮޅަށް ވަން ގޯލަކާ އެކުގައެވެ. އޭގެ މާ ގިނައިރު ތަކެއް ނުވެ، 49 ވަނަ މިނެޓުގައި އައިމަން ނަޒީރު ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި ޒެފިޔާ ޓީމަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އައިމަންގެ ގޯލަށް ފަހު އަފިރިން ޓީމުންވެސް ލަނޑެއް ޖެހޭ ތޯ މަސައްކަތް ކުރިއެވެ. އެގޮތުން އެ ޓީމުގެ މިފްޒާ ލަތީފް ވަނީ 50 ވަނަ މިނެޓުގައި އެޓީމަށް ސުން ކަނޑުވާލަ ދީފައެވެ. އޭގެ ފަހުން އައިމަން މެޗުގައި ހެޓްރިކް ހަދާ އިތުރު ގޯލެއް ޒެފިޔާ އަށް ޖަހައި ދިނެވެ.

މެޗުގެ ބާކީ އޮތް ވަގުތު ދެން ފެނިގެން ދިޔައީ ޒެފިޔާ ޓީމުގެ ހަރިޝް އަދި މުހައްމަދު ނިހާދު ލަނޑަތަކެވެ. ނަތީޖާގެ ފަރަގު ކުޑަ ކުރުމަށް އަފިރިން ޓީމުން ކުރި މަސައްކަތުން އެޓީމަށް އިބްރާހިމް އަޒިން ވަނީ ލަނޑެއް ޖަހައި ފަރަގު ތަންކޮޅެއް ކުޑަކޮށްފައެވެ. މެޗުގައި ފެނިގެން ދިޔަ އެންމެ ފަހު ލަނޑު ޖެހީ ޒެފިޔާ ޓީމުގެ އަހުމަދު ޝިފާންއެވެ.

މިމެޗަކީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ މެޗެވެ. މިނަތީޖާއާއެކު އެންމެ ގިނަ ލަނޑު ބައިކޮޅަށް ވަން ޓީމުގެ ގޮތުގައި އެފްސީ އަފިރިން ވަނީ ވެފައެވެ. އެޓީމުން ފާހަގަ ކޮށްފައިވާ ގޮތުގައި، ޓީމަށް މުބާރާތުގައި އެންމެ ޗެލެންޖިން ކަމަކަށް ދިމާވީ ޕްރެކްޓިސް އަށް އެޓީމަށް ބޭނުންވާ ދަނޑެއް ލިބިފައި ނެތުން ކަމަށެވެ. ޒެފިޔާ ޓީމުން ބުނެފައިވަނީ މުބާރާތަށް ނިކުތީ އުންމީދާއި އެކު ކަމަށެވެ. ނަމަވެސް ކުޅުންތެރިންނަށް ފިޓްނަސް މައްސަލަ ދިމާވިކަން އެޓީމުން ފާހަގަކުރިއެވެ. އޭގެ އިތުރުން ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް މުބާރާތް ކުޅެން ނާދެވުނުކަން ވެސް ފާހަގަ ކުރިއެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ، ގްރޫޕް ބީ ގެ މަރަދޫ އެފްސީ އަދި މެދުވަލު އެފްސީއެވެ. މަރަދޫ އެފްސީ ޓީމު މުބާރާތުގައި އަމިއްލަ ބާރުގައި ސެމީ އަށް ދިއުމުގެ ފުރުސަތު މިހާރު ގާތްގަނޑަކަށް ބަންދުވެފައެވެ.