އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހއ. ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފިއެވެ.
ހޯރަފުށީގައި ގާއިމުކުރި މި ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ މި ހާފްވޭ ހައުސް ބަލަހައްޓާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ.
ހާފްވޭ ހައުސްއާ ގުޅޭގޮތުން އެމްޓީސީސީން ބުނީ އެތަނުގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ގްރައުންޑް މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްކާއި މޭޝަނަރީ އަދި ޕްލާސްޓަރިން މަސައްކަތާއި ފިނިޝިން މަސައްކަތްތަކާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯރަފުށީގެ ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.
ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.