ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް، މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމް ކުރިއަށް ގެންދަނީ ރައީސްގެ އޮފީހާއި ޕަބްލިކް ސަވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.

ޕީއެސްއެމް ބުނީ އެ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. "އަހާ"ގެ ނަމުގައި ދެ ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ

  • 1- އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
  • 2- އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު: މުޙައްމަދު ސަޢީދު
  • 3- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު: ޢާއިޝަތު ޝިހާމް
  • 4- އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.ޢަބްދުﷲ މުއްޠަލިބް
  • 5- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: ޢަބްދުﷲ ރާފިޢު

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދެ މަހުން އެއް މަހު، ވަޒީރުން ރައްޔިތުންނަށް، ސަރުކާރުންކުރާ ކަންކަން ކިޔައިދިނުމާއި، ރައްޔިތުން ކުރަންހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދެއްވާނެ ވާހަކަ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުން އެ ފޯރަމްގައި ބޭނުން ސުވާލެއް، އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނެއެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން ސަރުކާރަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެއެވެ. އެމަނިކުފާނު ކުރައްވަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ކަމަށާއި ގާނޫނުއަސާސީގައި އޮތް މަސައްކަތް ކަމަށެވެ.

ޕީއެސްއެމް އިން ބުނީ ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެކަމަށެވެ. އަދި ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.