ކަރެކްޝަނުން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗު ހަލާކުވުމުގެ ސަބަބުން، މިއަދު ބާއްވަން ހަމަޖެއްސި ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މިއަދު ފަށާގޮތަށް އޮތީ ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ދައުވާކުރި ތިން މީހުންގެ ތެރެއިން ނ. މަނަދޫ / ފިނިފެންމާގެ، އަބްދުލް ވާހިދު ރިފާސް، 21، ގެ އަޑުއެހުމެކެވެ.

މިއަދު ފަށަން ހަމަޖައްސާފައި އޮތީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެވެ.

މި ޝަރީއަތް ކުރިޔަށް ދާއިރު، މައްސަލައިގެ މައުލޫމާތު ޕީޖީ އޮފީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނޭ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އޭގެ ސަބަބެއް ކަމުގައި ޕީޖީ އޮފީހުން ވިދާޅުވީ މިއީީ އާންމުންގެ މަސްލަހަތާއި ޝައުގުވެރިކަން އޮތް މައްސަލައަކަށް ވާތީއެވެ.

ޕީޖީ ޝަމީމު ކުރިން ވިދާޅުވެފައިވަނީ، ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި އެބަހުރިކަމުގައެވެ. އޭނަ ވިދާޅުވެފައިވަނީ އެހެންނަމަވެސް ހެކި ނައްތާލުމުގެ ބޭނުމުގައި، ނައީމާ މަރާލުމަށް ބޭނުންކުރި ވަޅިއާއި އެފަދަ އެހެނިހެން ތަކެތިވެސް އަންދާލާފައިވާ ކަމުގައެވެ.

ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައެވެ.