ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކުރުމަށް 3 ފަރާތަކާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ އިއްޔެ ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު، އެއްބަސްވުމުގައި ސޮއިކޮށްފައިވާވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާއި، އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

ދސއްމީގެ ތެރެއިން އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސްއިން މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައިވަނީ ޒިކުރާ މިސްކިތް 3 ބުރިއަށް ބިނާކުރުމުގެ މަސައްކަތެވެ.

ޒިކުރާ މިސްކިތް މިވަގުތު ހުރީ ވަގުތީ މިސްކިތެއްގެ ގޮތުގައެވެ. މި މިސްކިތްތަކަކީ 2000-3000 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަދާ މިސްކިތްތަކެކެވެ.

މި ބައްދަލުވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއެއްބަސްވުންތަކުގެ ދަށުން ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަށް ބިން ހަމަޖެއްސުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.

އަދި ޒިކުރާ މިސްކިތް ހުންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ، ސަރަހައްދެއްކަމަށާއި، އެތަނުގައި ދާއިމީ މިސްކިތެއް އެޅުމަކީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭނެ އުފަލެއްކަމަށެވެ.

އަދި 2 އަހަރު ދުވަސްތެރޭގައި ޒިކުރާ މިސްކިތުގެ މަސައްކަތް ނިމޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.