ދިރާސާ ކުދިންނަށް ޒަކާތު ހައުސް ވެބްސައިޓަކީ ވަރަށް މުހިންމު ރިފަރަންސްއަކަށް ވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒަކާތު ހައުސް ވެބްސައިޓް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ ވެބްސައިޓްގެ މަޤްސަދަކީ ޒަކާތާ ބެހޭ މުއާމަލާތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުން ކަމަށެވެ. އަދި ޒަކާތު ފަންޑު ހިނގަމުންދާ ގޮތުގެ ތަފްސީލާއި އެ ފަންޑުން ކުރާ ކަންތައްތައް ބަޔާންކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

ޒަކާތު ލައިބްރަރީގެ ގޮތުގައި ވަކި ހާއްސަ ޔުނިޓެއް ވެބްސައިޓްގައި ވާނެ ކަމަށާއި މިހާތަނަށް ވުޒާރާ އިން ޒަކާތާ ބެހޭ ގޮތުން ކޮށްފައިވާ ހުރިހާ ކަންތައްތަކެއްގެ ތަފްސީލު ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޒަކާތާ ބެހޭ އިތުރު މައުލޫމާތުތައް ވެސް ވެބްސައިޓުގައި ހިމެނިގެންދާނެ ކަމަށާއި ވެބްސައިޓުގެ ތެރެއިން އީދާރީ އަދި ދީނީ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.