ޒަކާތާ ބެހޭ ގޮތުން ދިރާސާތައް ހަދާފައިވާ ފަރާތްތަކުން، އެފަދަ ދިރާސާތަކާއި ޒަކާތާ ބެހޭ ފޮތްތައް، ޒަކާތު ހައުސްއަށް ހަދިޔާ ކުރުމަށް ވަޒީރު ޑރ ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

މިއަދު ޒަކާތުހައުސް ވެބްސައިޓް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އަދި ވެބްސައިޓް އިތުރަށް ޕްރޮމޯޓް ކުރުމަށް "ވެބްސައިޓް" ޝެއަރ ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ވަޒީރު ޑރ ޝަހީމް ވިދާޅުވީ މިއަދަކީ ނުހަނު ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ދުވަހެއްކަމަށެވެ. 2008 ވަނަ އަހަރު އެމަނިކުފާނު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ޒަކާތަށް އަހަރަކު 14 މިލިއަން ލިބުނު ދުވަސްތަކުގެ ހަނދާން އައުކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ އޭރުވެސް އެމަނިކުފާނު ޒަކާތު ފަންޑު ދިރުވުމަށް ކުރެއްވި މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. އެގޮތުން އޭރުގެ ވަޒީރު މަރްހޫމް ޑރ. އަބްދުލް މަޖީދު، ބައެއް ފަހަރު ލެޕްޓޮޕް ހިއްޕަވައިގެން، ޒަކާތާއި ބެހޭ މައުލޫމާތު ލިޔުއްވުމަށް، އެބޭފުޅާ ދަތުރުކުރައްވާކަމަށާއި މިއަދު ވެބްސައިޓްގެ ލައިބްރަރީގައި ހުރި ފޮތްތަކަކީ، އޭރު އެމަނިކުފާނު ގަތަރުޒަކާތު އިދާރާއަށް ވަޑައިގެން ރާއްޖެ ގެންނަވައި ތަރުޖަމާކޮށްދެއްވި ފޮތްތައްކަމަށްވެސް ޑރ ޝަހީމު ވިދާޅުވިއެވެ.

"އަޅުގަނޑަށް މިއަދު ލިބުނު އެންމެ ބޮޑު އެއް އުފަލަކީ 2008 ވަނަ އަހަރު، އޭރު އަޅުގަނޑު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު، ޒަކާތު ކަންކަމާއި ހަވާލުވެ އޭރު ހުރީ އަޅުގަނޑު. އޭރު ޒަކާތަށް އަހަރަކު ލިބެނީ 14 މިލިއަން ރުފިޔާ. އޭރު ވަރަށް މަސައްކަތް ކުރިން ޒަކާތު ފަންޑު ދިރުވުމަށް، އޭރު ވަޒީރަކަށް ހުންނެވީ މަރްހޫމް ޑރ. އަބްދުލް މަޖީދު، ބައެއް ފަހަރު ލެޕްޓޮޕް ހިއްޕަވައިގެން އެބޭފުޅާ ދަތުރުކުރައްވާނީ، ޒަކާތާއި ބެހޭ މައުލޫމާތު ލިޔުއްވުމަށް، ވިޔަފާރިވެރިންނާއި ކުންފުނިތަކާއި ބައްދަލުކުރި، މިއަދު ވެބްސައިޓްގެ ލައިބްރަރީގައި ހުރި ފޮތްތަކަކީ އޭރު އަޅުގަނޑުމެން ޤަތަރު ޒަކާތުގެ އިދާރާއަށް ގޮސް، އެފޮތްތައް ރާއްޖެ ގެނެސް، އެ ފޮތްތައް ތަރުޖަމާ ކޮށް، ކުރެވުނު މަސައްކަތްތައް. އޭރު ވެސް ޒަކާތުގެ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމެއް ޤަބޫލުކުރެވުނު" ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާތައް ހިއްސާކުރައްވައި ވަޒީރު އެދިވަޑައިގެންނެވީ،، ޒަކާތާ ބެހޭ ގޮތުން ފޮތްތަކާއި ދިރާސާތައް ހަދާފައިވާ މީހުން ޒަކާތު ހައުސްއަށް ހަދިޔާކޮށްދެއްވުމަށެވެ. އަދި ވެބްސައިޓް އިތުރަށް ޕްރޮމޯޓް ކުރުމަށް "ވެބްސައިޓް" ޝެއަރ ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ޝަހީމް ވިދާޅުވީ، އަމާޒަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ދާއިރާއިން ކުރެވިފައި ހުރި ތާރީހީ މަސައްކަތްތައް އެއްތާކުން ފެންނަން ހުންނާނެގޮތް ހެދުންކަމަށެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މީގެކުރިން ކޮށްފައި ހުރި މުހިންމު ކަންކަންވެސް މި ވެބްސައިޓުން ފެންނަން ހުންނާނެފަދަ ގޮތަކަށް އިންތިޒާމްތައް ބައްޓަން ކުރައްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޒަކާތާއި ގުޅޭ ދާއިރާއިން ފޮތްތައް ލިޔެ ދިރާސާތައް ކޮށްފައި ހުރި ފަރާތްތައް އެބޭފުޅުންގެ ފޮތްތަކާއި ދިރާސާތައް ވެބްސައިޓްގައި ޕަބްލިޝް ކުރެއްވުމަށް މިނިސްޓްރީއަށް ހަދިޔާކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ގާއިމުކުރީ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.