ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ހަރަދުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ދަތުރުގެ ވަފުދުގައި ހިމެނުނު ބޭފުޅުންގެ ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދު ހަމަޖައްސާފައިވަނީ ޗައިނާ ސަރުކާރުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދަތުރުގެ ދެކޮޅު ޓިކެޓަށް ޖުމުލަ 2،020،482.60 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ޕޮކެޓް މަނީގެ ގޮތުގައި 300،495 ރުފިޔާ ހަރަދުކޮށްފައިވާއިރު، ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިވެންޓް ހަރަދުގެ ގޮތުގައި 3،374.79 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އަދި ސިމްކާޑާއި ވީޕީއެން ހަރަދަށް 14،341.69 ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،419.85 ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ރައީސްގެ ޗައިނާ ދަތުރުފުޅަށް ޖުމުލަ ހަރަދު ކޮށްފައިވަނީ 2،428،113.93 ރުފިޔާއެވެ.