އިސްލާމީ ޝަރީއަތުގައި ހުއްދަ ދެއްވާފައިވާ މިންވަރަށް އިންސާނާގެ ޖިސްމުގައި ހުރި ގުނަވަންތަކުގެ ތެރެއިން، އިންސާނާގެ ފުރާނައަށް ގެއްލުން ނުލިބޭ މަގުން ޖިސްމުގެ ގުނަވަންތަކަށް ތަސައްރަފް ކުރުން ހުއްދަ ވެގެން ވާކަމަށް ރާއްޖޭގެ ފަތުވާ ދޭ މަޖިލީހުން ބުނެފިއެވެ.

އެ މަޖިލީހުން މިފަދައިން ބުނީ އިންސާނީ ގުނަވަން ހަދިޔާ ކުރުމާއި އިންދުމުގެ ޝަރުއީ ހުކުމް އޮޅުންފިލުވައިދީ ނެރެފައިވާ ފަތުވާ ގައެވެ.

ފަތުވާދޭ މަޖިލީހުން ބުނީ އިންސާނީ ޖިސްމުގެ ގުނަވަނެއް ހަދިޔާ ކުރުމުގެ މައްސަލައިގައި ޝަރީއަތުގައި ވާރިދުވެފައިވާ ބައެއް ނައްސުތަކާއި، ހާލަތުތައް ދިރާސާ ކުރުމަށް ފަހު ދީނުގެ އިލްމުވެރިން މިކަން ވަކި ހައްދަކަށް ހުއްދަ ކުރައްވާކަމަށާއި އާންމުގޮތެއްގައި ގުނަވަން ބަދަލުކުރެވެނީ ދެ ޙާލަތެއްގައި ކަމަށެވެ.

މިގޮތުން ފުރަތަމަ ހާލަތަކީ ފުރާނަ ސަލާމަތްކުރުން ފަދަ ޟަރޫރީ ހާލަތްތައް ކަމަށް ފަތުވާދޭ މަޖިލީހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމުގެ ގަސްތުގައި ހިތުގެ ނާރު ބެދިގެން، ހަށިގަނޑުގެ އެހެންތަނަކުން ލޭނާރު ނަގައިން ހިތުގެ ތެރެއަށް ލުން ހިމެނެއެވެ.

ދެވަނަ ހާލަތަކީ އިންސާނާގެ ޖިސްމުގެ ތަނަކުން ހަން ހަލާކުވެފައިވާއިރު، ޖިސްމުގެ އެހެން ތަނަކުން ހަން ނަގައި، ހަލާކުވެފައިވާ ތަނުގައި އިންދުން ފަދަ ގުނަވަނެއް ބަދަލު ކުރުމުގެ ބޭނުންތެރިކަން އޮތުމެވެ.