މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ ގިނަ އަދަދެއްގެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާއި މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ހުރިހާ މަޝްރޫއެއް ފަށައި ނިންމަން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "އަހާ" ގެ ނަމުގައި ވަޒީރުންނާ ސުވާލު ކުރުމަށް ސަލްޓަންޕާކްގައި ބޭއްވި ޕަބްލިކް ފޯރަމްގައެވެ.

އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މުއްތަލިބް ވިދާޅުވީ މީގެކުރިން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލާފައި އޮތް އިރު، ވަރަށް ގިނަ މަޝްރޫއުތައް ހިންގަން ހުރި ކަމަށެވެ. އެހެންވެ ހުރިހާ މަސައްކަތްތަކަށް ފޯކަސް ނުކުރެވިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ މިނިސްޓްރީއެއް އުފެއްދެވީ ކަމަށެވެ.

އެހެންކަމަށްވުމާއެކު، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރީ ސަރުކާރާ ހަވާލުވި އިރު ހުއްޓިފައި ހުރި ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެ ހުރިހާ މަޝްރޫއެއް ވެސް ފަށަން ކަމަށްވެސް ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވީ، ހުއްޓިފައި ހުރި މަޝްރޫއު ފެށުމުގެ އިތުރުން ސަރުކާރުގެ އިޖުތިމާއީ އިގުތިސާދީ ތަރައްގީއަށް ބޭނުންވާ މެނިފެސްޓޯގައި ހިމެނޭ ބައެއް މަޝްރޫއުތައް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

" އެނގިވަޑައިގަންނަވާނެ ޗައިނާގެ ދަތުރުފުޅުގައިވެސް އިންފްރާސްޓްރަކްޗާއާ ގުޅޭ ވަރަށް ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެވުނު. އެއާ ގުޅިގެން ކުރަންހުރި މަސައްކަތްތަކެއް މިހާރު ކުރަމުން އެބަދޭ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ މާލެއާއި ހުޅުމާލެ، ގުޅީފަޅާ، ގިރާވަޅުފަޅުން އަދި މިހާރު ހިއްކަން ފަށާފައިވާ ރަސްމާލެ، އަދި ރާއްޖެގެ ހުރިހާ ސަރަހައްދެއްގައިވެސް ސަރުކާރުން ޚާއްސަކަން ދީގެން ކުރައްވާ މަސައްކަތްތައް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ވަރަށް ބާރަށް މަަސައްކަތްތަކެއް ކުރިއަށް އެބަދޭ." މުއްތަލިބް ވިދާޅުވިއެވެ.