އިންސާނީ ހައްގުތަކާ ބެހޭ އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 45 ވަނަ މަޖިލީހުގައި ޗައިނާއިން އިންސަނީ ހައްގުތަކުގެ ދާއިރާގައި ކަންކުރާ ގޮތާމެދު ބަހުސްކޮށްއފިއެވެ.
ދުނިޔޭގެ 60 ގައުމެއްގައި އިންސާނީ ހައްގަށް މަސައްކަތް ކުރާ 300 އެންޖީއޯ ތަމްސީލުކޮށް، މި މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ޖޯން ފިޝަރ ވިދާޅުވީ ޗައިނާއިން ހޮންގ ކޮންގއާއި ޓިބެޓާއި ޝިންޖިއާންގައި ޗައިނާއިން އިންސާނީ ހައްގުތަކާ ޚިލާފްވެފައިވާ ކަމުގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދާދިފަހުން އިންސާނީ ހައްގުތަކާ ބެހޭ އދގެ 50 ތަޖުރިބާކާރުން ވަނީ މި ތަންތާގައި ޗައިނާއިން ހިންގާ އުދުވާނީ އަމަލުތަކާއި، މަޢްލޫމާތު ފިއްތުމަށް ކުރާމަސައްކަތާއި ނޫސްވެރިންނާއި ލޯޔަރުންނާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ މީހުންނާއި ސަރުކާރަށް ފަޑުކިޔާ މީހުންނާ ދެކޮޅަށް ކުރާ ކަންތައްތައް ކުށްވެރިކޮށްފައެވެ.
ޗައިނާއިން އިތުރަށްވެސް ކުރަމުން ގެންދާ އެހެން ކަންތައްތަކުގެ ވާހަކައަށ އޭނާ އިޝާރާތް ކުރެއްވިއެވެ. އެގޮތުން ޗައިނާ އިން ބޭރުގައި ޗައިނާއަށް ފާޑުކިޔާ މީހުންނަށް އަމާޒުކުރުމާއި، އިންޓަރނެޓް ސެންސަރު ކުރުމަށް މަސައްކަތް ކުރުމާއި، އެކަޑމިކް މިނިވަންކަން ނިގުޅައިގަތުމުގެ އަމަލުތައް އޭނާ ފާހަގަ ކުރެއްވިއެވެ.
އެއްވެސް ސަރުކާރަކަށް ގާނޫނަށް ވުރެން މަތީގައި އޮވެވިގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޔަހޫދީ ކިޔަވާ ކުދިންގެ ޔޫރަޕްގެ ޖަމުއިއްޔާގެ ފަރާތުން ވާހަކަ ދެއްކި އުއިގޫރު މުސްލިމެއް ކަމުގައިވާ އަބްދުއްޝުކޫރު އަބޫރިޒްގްގެ ވާހަކައިގައި ބުނެފައިވަނީ، ނަސްލުތައް ނެތިކޮށްލުމާއި، ގަދަކަމުން ދަރިމައިވުން ނައްތާލުމާއި ގުނަވަންތަކުގެ ބޭނުމަށް މީހުން ނެގުންފަދަ ކަންތައްތަކަކީ، އުއިގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ކުރަމުން ގެންދާ ކަންކަން ކަމަށެވެ.
އޭނާ ބުނީނ އޭނާގެ އައިލާ ޗައިނާއިން ޝިންޖިއާންގެ ޖަލެއްގައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އެހެން ޖަލެއްގައި އޭނާގެ ކޮއްކޮ ގެންދަނީ ޗައިނާއަށް މޮބައިލް ފޯންތައް އެސެމްބްލް ކޮށްދެމުންނެވެ. ގަދަ ބާރުން އަޅެއް ލައްވައި މަސައްކަތް ކުރުވާ ބީދައިންނެވެ. އޭނާ ސިފަކޮށްފައިވަނީ މިއީ ނަސްލު ނެތިކޮށްލުމުގެ އަމަލެއް ކަމުގައެވެ.
މި މަޖިލީހުގައި ޗައިނާއަށް ފާޑު ކީ އެހެން ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ކެނެޑާއާއި ޖަރުމަންވިލާތް ހިމެނެއެވެ.