ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ އަދި އާސަންދައިން ކަމަށާއި، އެ ކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމުގައި އެސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާސަންދަ އާއި އެންސްޕާގެ އެހީ ދިނުމުގެ ކަންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނުފޫޒު ފޯރުއްވަމުންދާ ކަމަށާއި އެތަކެއް ސަތޭކަ މީހުންނަށް އެންސްޕާ އެހީ ނުލިބިގެން އިންޑިޔާއަށް ނުދެވިފައި އެބަ ތިބި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދުވަހެއް ދުވަހަކަށް އިތުރުވެ ހޫނުވަމުންނެވެ. އަދި ބައެއް މީޑީޔާތަކުން ދަނީ، އިންޑިޔާއަށް ދާން އާސަންދަ އާއި އެންސްޕާގެ އެހީ ނުދީ އެގައުމަށް ޖެއްސުން ކުރަމުންދާ ކަމަށް ބުނެ ހަބަރުތައް ދަނީ ފަތުރަމުންނެވެ

މި ވާހަކަތަކާ ގުޅިގެން ހީނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ޖެނުއަރީ މަހުގެ 1-25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކޮށްފައިވާ ކަމަށާއި، އޭގެ 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް އިޝޫ ކޮށްފައިވާ ޓިކެެޓްތައް ކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ.

ނަމަވެސް ތައިލެންޑާއި ޔޫއޭއީ ފަދަ ފެންވަރު ރަނގަޅު ގައުމުތަކަށްވެސް އާސަންދަ ލިބޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން ރައީސް މުޢިއްޒު އިއުލާން ވަނީ ކުރައްވާފައެވެ.