ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލީސް ޕްރައިމަރީ އަމާންކަމާއެކު ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އިލްތިމާސް ކުރައްވައިފިއެވެ.

ހަބީބު މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްޕޯސްޓުގައި ހަބީބު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، މިއަދު ބާއްވާ އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިޚާބަކަށް ހެއްދެވުމަށް އެދޭ ކަމަށެވެ.

އަދި ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ގެންދެވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ މިއަދު ބާއްވާއިރު، 71،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން އޮތީ މިއަދު ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ ތަރުޖަމާން ހީނާ ވިދާޅުވީ، މި ޕްރައިމަރީގައި 227 ވޯޓު ފޮށި ބެހެއްޓެފައިވާއިރު، 73 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

މި ޕްރައިމަރީގައި މާލޭގައި ބެހެއްޓިފައިވާ އަތޮޅުތަކުގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ ހެންވޭރު ދަނޑުގައެވެ. އޭގެ އިތުރުން ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ)ގައި މާލޭ ރައްޔިތުންނަށް ވޯޓު ލެވޭނެ އެވެ.

މި ޕްރައިމަރީގައި 283 މީހަކު ވާދަކުރާއިރު،، ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވޭނެއެވެ.