ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފައިވާ ވަގުތީ ހުރިހާ ފިޔަވަޅުތަކަށް ބޯލަނބައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލެނބުމަށް ދިވެހި ސަރުކާރުން އިސްރާއީލަށް ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
1948 ވަނަ އަހަރުގެ "ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް" އާ އިޒްރޭލުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން ހުށަހެޅި އެޕްލިކޭޝަނާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓުން އިބްތިދާއީ ފިޔަވަޅުތަކެއް އެޅުމަށް ނެރުނު އަމުރަށް ރާއްޖޭއިން މަރުހަބާ ކިޔާކަމަށް ފޮރިން މިނިސްޓްރީގެ މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު މި ބަޔާނުގައި އައިސީޖޭއިން އިއްޔެ ނިންމި ނިންމުމުގައި ވަނީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އިސްރާއީލަށް އަންގާފައި ކަމުގައެވެ. އަދި ޣައްޒާގައި މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ވަގުތުން ވަގުތަށް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެ ކޯޓުން ވަނީ އިޒްރޭލަށް އަމުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްރާއީލުން ޣައްޒާގައި މީހުން މެރުން ހުއްޓުވައި ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ކޮންމެ އިންސާނެއްގެ ފުރާނައަކީވެސް އަގު ހުރި އެއްޗެއް ކަމަށާއި އިންސާނުންގެ ފުރާނަ ހިމާޔަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ، ބޮން ގޮއްވުމާއި، ގެދޮރު ގެއްލުމާއި، ނަސްލީ ތަފާތުކުރުން ފަދަ ކަންކަމަކީ ސުލްހައެއް ނުލިބޭނެ ކަމެއް ކަމަށާއި، ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފައިވާ ވަގުތީ ހުރިހާ ފިޔަވަޅުތަކަށް ބޯލަނބައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލެނބުމަށް ދިވެހި ސަރުކާރުން އިސްރާއީލަށް ގޮވާލާ ކަމަށެވެ.
ދިވެހިރާއްޖެ އޮތީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަމަށާއި، ޢަދުލުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967 ގެ ކުރިން ބޯޑަރުތައް ޤާއިމުކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ޤަބޫލުކުރާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.