އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ރަށްރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތްދޭން ފަށާފައި ވަނީ ބ. މާޅޮހާއި، ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ހެނބަދޫގައެވެ.

ބ. މާޅޮހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މާޅޮހު ކައުންސިލު ރައީސް އަބްދުﷲ ޝުޖާއުއެވެ. ކިހާދޫ ޕޮލިސް ޕޯސްޓު މިއަދު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކިހާދޫ ކައުންސިލު ރައީސް ހުސައިން ޝާފިއުއެވެ.

މީގެއިތުރުން ޅޮހީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ޅޮހީ ކައުންސިލު ރައީސް އިބްރާހީމް މުޙައްމަދުއެވެ. އަދި ހެނބަދޫ ޕޮލިސް ޕޯސްޓު މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ހެނބަދޫ ކައުންސިލު ރައީސް ހުސައިން އަބޫބަކުރުއެވެ.

ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.