އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޮވިޑް ވެކްސިން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެނެސްފައިވާ ވެކްސިން ޖެހުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެކްސިން ޖެއްސެވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވާ ރައީސް ސާލިހް ވިދާޅުވީ، މިހާރު ރާއްޖެ އޮތް ހާލަތަށް އާދެވުނީ ހެލްތު އޮފިޝަލުންނާއި ރައްޔިތުން ކުރި މަސައްކަތުން ކަމަށެވެ. އަދި ސިއްހީ ފަރާތްތަކުގެ ލަފައާއި އިރުޝާދަށް ރައްޔިތުން ބޯލަނބާފައިވާ ކަމަށާއި އުންމީދަކީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ ވެކްސިންގެ ކަންކަން ފަށާފައިވަނީ މެދުނުކެނޑި މިކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ތަކެއް ރޭވިގެން ކަމަށެވެ.

"ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ދިރިއުޅޭ ހުރިހާ އެންމެނަށް މި ވެކްސިން ފޯރުކޮށްދެވިގެންދާނެ" ރައީސް ސާލިހް ވިދާޅުވި އެވެ.

ރާއްޖެއަށް ގެނެސްފައިވާ 100،000 ޑޯޒްގެ ވެކްސިނަކީ އިންޑިއާގެ އެހީގައި ރާއްޖެއަށް ގެނެސްފައިވާ ވެކްސިނެވެ. އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ