އޮސްޓްރޭލިއަން އޯޕެންގެ ސެމީ ފައިނަލުގައި ޖޮކޮވިޗް ބަލިކޮށް ފައިނަލުގެ ޖާގަ ޔެނިކް ސިނާރ ކަށަވަރުކޮށްފިއެވެ.

އޮސްޓްރޭލިއާގެ މެލްބޯން ޕާކުގައި ކުޅުނު މެޗުގައި ސިނާރގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު ސިނާރ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުގައެވެ. ތިންވަނަ ސެޓުގައި ޖޮކޮވިޗް ވަނީ ކުޅުން ރަނގަޅުކޮށް އެސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓު ގެއްލި ޖޮކޮވިޗް އަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

މެޗަށް ފަހު ޖޮކޮވިޗް ވަނީ އޭނާ އަށް ކުޅެވުނު ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. "އަހަންނަށް ކުޅެވުނު ގޮތާއި މެދު އަހަރެން ހައިރާންވެއްޖެ. މިއީ އަހަރެންގެ ހަޔާތުގައި އެންމެ ދަށް ފެންވަރެއްގައި ކުޅެވުނު މެޗު" ޕޯސްޓް މެޗު އިންޓަވިއުގައި ވަހަކަދައްކަމުން ޖޮކޮވިޗް ބުންޏެވެ.

މި މެޗަކީ ޖޮކޮވިޗް މެލްބޯންގައި 2018 އަށްފަހު ބަލިވި ފުރަތަމަ މެޗެވެ. މި ވަގުތު ތެރޭގައި ޖޮކޮވިޗް ވަނީ ޖެހިޖެހިގެން 33 މެޗު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕެންގެ ފައިނަލަށް ދަތުރުކުރި ސިނާރ ފައިނަލުގައި ކުޅޭނީ ޑެނީލް މެޑްވެޑެވްއާ ދެކޮޅަށެވެ.