މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައިވާ މީހަކު ރޭ ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ނިޔާވެފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެދާނެއެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކުރިކީލަ މަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ. ރޭގެ އެވަގުތުން ފެށިގެން ފުލުހުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ، ޑޮކްޓަރު ދައްކަން މާލެ އައިސް ހުރި މީހެއްގެ ހަބަރެއް ނުވާ ކަމަށް ރޭ 08:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓާ ގުޅިގެން އެމީހާ މާލެ އައިސް ހުރި ގެއަށް ފުލުހުން ގޮސް އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު ފެނުނީ އެމީހާ މަރުވެފައި އޮއްވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.