ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން މިއަދު ފަށައިފިއެވެ. އައްޑޫ ސިޓީން އެންމެ ފުރަތަމަ ވެކްސިން ޖަހައިފައިވަނީ އޭއީއެޗުގެ އެކްޓިން މެޑިކަލް ޑިރެކްޓަރ އަދި ޔޫރޯ ސާޖަން އެއް ކަމަށްވާ ޑރ. ޢަބްދުﷲ އަދުސަރެވެ. މުޅި ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖަހައިފައިވަނީ އައިޖީއެމްޗުގެ ޑރ. ޝިރާނީ ޢަބްދުއްރަޙީމެވެ.

ރައީސް ސާލިހް ވެކްސިން ޖައްސަވަނީ—

މި ވެކްސިން އެންމެ ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. އައްޑޫ ސިޓީގައި މިއަދު ހެނދުނު ކޮވިޑް ވެކްސިން ދޭން ފެށުމާއެކު އެ ވެކްސިން ފުރަތަމަ ދެމުން ގެންދަނީ އެހެން ސަރަހައްދެކޭ އެއްގޮތަށް ޑޮކްޓަރުނާއި ނަރުހުންނާއި އެޓެންޑެންޓުންނާއި ޕަބްލިކް ރިލޭޝަން ޑެސްކުގައި މަސައްކަތް ކުރާ މީހުންނަށެވެ. މިއަދު 30 މުވައްޒަފަކަށް ވެކްސިން ދޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެފައިވެއެވެ. ވެކްސިން ދިނުމަށްޓަކައި އޭއީ އެޗުގައިވަނީ ޚާއްސަ ތަނެއް ތައްޔާރު ކޮށްފައެވެ.

ރައީސް ނަޝީދު ކޮވިޑް ވެކްސިން ޖައްސަވަނީ— ފޮޓޯ: މަޖިލިސް

މާލެއާއި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައިވެސް އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދައިފައިވާ ވެކްސިނެކެވެ. މި ވެކްސިން ތައްޔާރުކޮށްފައިވަނީ އިންޑިއާގެ ސިރަމް އިންސްޓިއުޓުންނެވެ. މިވެކްސިންގެ 0.5 އެމްއެލްގެ ދެ ޑޯޒް މަދުވެގެން 4 ހަފްތާގެ ދުރުމިނެއްގެ ތެރޭގައި ދޭންޖެހެއެވެ. މީގެ ކުރިން އެއްވެސް ބޭހަކަށް ނުވަތަ ވެކްސިނަކަށް އެލާޖިކްވާ މީހުން މި ވެކްސިން ނުޖެހުމަށް ސައިންސްވެރިން ވަނީ އިރުޝާދު ދެއްވައިފައެވެ.

ޗައިނާއިން 2019 ވަނަ އަހަރު ފެނުނު ކޮވިޑް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އަދި ރާއްޖެއިން ވަނީ ފަނަރަހާހަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައެވެ. ފަންސާސް ދެ މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. މުޢުތަސިމް ވެކްސިން ޖައްސަވަނީ: ފޮޓޯ ރައީސް އޮފީސް

މި ބައްޔަށް ޚާއްސަ ފަރުވާއެއް އަދި ހޯދިފައި ނެތަސް 2020 ވަނަ އަހަރު ފަހުކޮޅުވަނީ މިބައްޔާ ދެކޮޅަށް ވެކްސިންތަކެއް ތަޢާރަފް ކޮށްފައެވެ. މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ ރައްކާތެރި އެއް ފިޔަވަޅަކީ މި އިން ވެކްސިނެއް ޖެހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވައިފައެވެ.

މާލެ ސަރަޙައްދުން މިވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އައްޑޫ ސިޓީން ވެކްސިން ދޭނީ އޭއީއެޗުންނެވެ. ކުޅުދުއްފުށިން މިވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. އިންޑިއާސަރުކާރުން ހަދިޔާކުރި މި ވެކްސިން ޖަހަން މިއަދު ފަށައިފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެންނެވެ. އެ ހުއްދަ އެތަނުން ދީފައިވަނީ ދީފައިވަނީ ޖަނަވަރީމަހު 28 ވަނަ ދުވަހުއެވެ. މި ވެކްސިން ޖަހާނީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. މާބަނޑު މީހުންނަށް މިވެކްސިން ނުދޭނެއެވެ. ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދެއްވާނެއެވެ. އެއީ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، ޢުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު މުޢުތަސިމް ޢަދުނާނު ވަނީ ވެކްސިން ޖައްސަވައިފައެވެ.