ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު، އެ ކޮމެޓީން ފާސްކުރި ރިޕޯޓާ އެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.

މި މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅިއިރު، ދަ ޑިމޮކްރެޓްސް އިން މިވަނީ އެޕާޓީން ބޭއްވި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމައިފިއެވެ.

ބައްދަލުވުމަށްފަހު އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، އެޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް، މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.