އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މަހު 25 ވަނަ ދުވަހު ނިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކަށް ހުށަހެޅޭ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމަށް އެކި ނަންނަމުގައި ކުރިއަށް ގެންދާ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަންމާއި އަދި އޮންލައިންކޮށް މުދާ ގަންނައިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ މީސްމީޑިއާގެ ވަސީލަތްތަކުގައި ސެކިއުރިޓީ ފީޗާސް ރަނގަޅު ޕާސްވޯޑެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ސެޝަނުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދިވެހި މުދައްރިސުންނާއި ބިދޭސީ މުދައްރިސުން ހިމެނޭހެން 42 މުދައްރިސުން ބައިވެރިވިއެވެ.