ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ''ޕަބްލިކް ޕާސެޕްޝަން ސާރވޭ'' ގެ ނަމުގައި ދިރާސާއެއް ފަށައިފިއެވެ.

ފުލުހުން ބުނީ އޮންލައިންކޮށް ކުރިއަށް ގެންދާ މި ދިރާސާއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮޮތުން ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ ދިރާސާއެއް ކަމަށެވެ.

މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ޖުމްލަ 37 ސުވާލު ހިމެނޭ މި ދިރާސާގެ ސުވާލުތައް ފަރުމާކޮށްފައިވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓުދޭ ގޮތަށެވެ.

މި ދިރާސާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަންކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.