ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ސަރުކާރު ކޯލިޝްގައި ހިމެނޭ ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ޕީޕީއެމްއުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމުގައެވެ.

ހަމަމިއާއެކު މި ނޫސް ބަޔާނުގައި ބުނީ ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުން ކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް އެކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައެވެ.