ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިއަދު ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް، ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން 1:30 ގައި މަޖިލީހުގެ ޖަލްސާ އަލުން ފަށަން އޮތީ ހަމަޖެހިފައެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ އިހުތިޖާޖު ކުރައްވަމުން ގެންދަވާތީ، ޖަލްސާ ފެށޭ ގޮތް ވަނީ ނުވެފައެވެ. އެ މެމްބަރުން އިހުތިޖާޖު ކުރަމުންދަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީން ނިންމާފައިވާތީއެވެ.

ދަ ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

އަދި އެމްޑީޕީން ރުހުން ނުދޭން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި ގިނަ އަދަދެއްގެ އާންމުން ދަނީ އިހުތިޖާޖު ކުރަމުންދިޔުމުގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ވެސް ވަނީ އެ އިހުތިޖާޖުގައި ބައިވެރިވެ، އަޑު އުފުލަމުން އެބަ ގެންދެއެވެ.

މަޖިލިސް ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް ރައީސް ޑރ މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަޑައިގެން ޝުއޫރު ފާޅުކުރައްވައިފައިވާއިރު، މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެތަނަށް ވަޑައިގެން މީޑީއާތަކާ ވާހަކަ ދައްކަވާފައިވެއެވެ.