ބައެއް ޕާޓީ ތަކުން ވަޒީރުންނަށް ރުހުން ނުދޭން ދައްކާ ހުއްޖަތްތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދަ ޑިމޮކްރެޓްސް ގެ ޕާލަމެންޓްރީ ގްރޫޕުން ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި އެމަނިކުފަނުވަނީ ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން ކަމަށް ވެސް ވިދާޅުވެފައެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައިވަނީ ޑިމޮކްރެޓްސްގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މީގެއިތުރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވުނު ޖަލްސާގައި ވެސް ވަޒީރުންނަށް ރުހުން ނުދޭން ގޮވާލާ ފަދަ މޭރުމަކުން އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގެ ބައެއް މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.