މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސްމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ފަސްމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފ. ނިލަންދޫން ކަމަށެވެ.

އަދި ނިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން ނިލަންދޫ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ށ. މިލަންދޫގައި މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނުގައި ހަތަރުމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.. އެއީ 45 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 17 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ މީހާއާއި 46 އަހަރުގެ މީހާ 7 ދުވަހަށް އަދި 37 އަހަރުގެ މީހާއާއި 34 އަހަރުގެ މީހާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.